ފާތިމަތުއްޒަހުރާ ގެ ބަރަކާތްތެރި ރަން ފަށް

  އެއްދުވަހަކު ރަސޫލު اللهصلىاللهعليهوسلم ޢަޞްރު ނަމާދު ނިންމަވާފައި މިސްކިތުގައި އިށީންދެ ވަޑައިގެން އިންނެވި އެވެ. އެވަޤުތު އެކަލޭގެފާނު ގެ ޞަޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ތިއްބެވިއެވެ. ކުއްލިޔަކަށް ބީރައްޓެއްސަކު މިސްކިތައް ވަދެ ރަސޫލު اللهصلىاللهعليهوسلمގެ މަޖިލިސް އާ މުޚާތަބު ކޮށް ބުންޏެވެ. " އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފައެވެ. ކާއެތިކޮޅެއް ދޭނީ ކާކު ހެއްޔެވެ! އަހަރެންގެ ގެ އެއްވެސް އަންނައުނެއް ނެތެވެ. އަންނައުނެއް ދޭނީ ކާކު ހެއްޔެވެ! އަދި އަހަރެން މިހުރީ އަހަރެންގެ ވަޒަނާ އެތަށް މޭލެއް ދުރުގައެވެ. އަހަރެންގެ ބޭނުންތަށް ފުއްދާދޭނީ ކާކު ހެއްޔެވެ؟ "

 

އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވައެވެ. އެއަށްފަހު ކުޑައިރުކޮޅެއްފަހުން ރަސޫލު اللهصلىاللهعليهوسلمޙަދީޘްފުޅު ކުރެއްވިއެވެ. " އަހެރެންގެ އަމިއްލަ ގޮތުން ތިބާޔަށް އެހީ އެއް ވެވޭނެ އެއްވެސް ގޮތެއް މިވަގުތަކު ނެތެވެ. އެހެންނަމަވެސް ތިބާގެ ހުރިހާ ބޭނުންތަކެއް އެގެއަކުން ފުރިހަމަ ކޮށްދޭނެ ގެއަކަށް ތިމަންކަލޭގެފަނު ތިބާ ފޮނުވަނެމެވެ. އެގެއަކީ އެގޭގެ އަހުލުވެރިން ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލު اللهصلىاللهعليهوسلمދެކެ ލޯބިވާ އަދި ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލު اللهصلىاللهعليهوسلم އެގޭގެ ވަޒަންވެރިން ދެކެ ލޯބިފުޅުވާ ގެއެކެވެ. އެއީ އެގެއެއްގައި ތިމަންކަލޭގެފާނުގެ ދަރި ކަނބަލުން ފާތިމަތުއްޒަހުރާ ގެ ޢާއިލާ ދިރިއުޅުއްވާ ގެއެވެ. " ރަސޫލު اللهصلىاللهعليهوسلم ހަޒްރަތު ބިލާލް رضياللّهعنه އަށް އެ ބީރައްޓެހިމީހާ ފާތިމަތުއްޒަހުރާގެ ގެއަށް ގެންގޮސްދިނުމަށް އެންގި އެވެ.

 

ބިލާލް رضياللّهعنهއޭނާ އެގެއާހަމައަށް ފޯރު ކޮށްދިނެވެ. އެއަށްފަހު އެބީރައްޓެހިޔާ އެގޭގެ ދޮރުމައްޗަށް އަރާ ސަލާމް ދެއްނެވިއެވެ. " އޭ ނަބިއްޔާގެ ގޭގެ އަހުލުވެރިންނޭ ، އޭ މިގޭގެ ވަޒަންވެރިންނޭވެ ، އަދި މަލާއިކަތުން އެގެއަކަށް ޒިޔާރަތްކުރާ ގޭގެ އަހުލުވެރިންނޭވެ. ތިމަންނަގެ ސަލާމް ތިޔަބައިމީހުންނަށް ހުއްޓެވެ.  އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފައެވެ. ކާއެތިކޮޅެއް ދޭނީ ކާކު ހެއްޔެވެ! އަހަރެންގެ ގެ އެއްވެސް އަންނައުނެއް ނެތެވެ. އަންނައުނެއް ދޭނީ ކާކު ހެއްޔެވެ! އަދި އަހަރެން މިހުރީ އަހަރެންގެ ވަޒަނާ އެތަށް މޭލެއް ދުރުގައެވެ. އަހަރެންގެ ވަޒަނަށް ވާސިލްވުމަށް އެހީ އެއްވެދޭށެވެ. "

 

އެއަޑު އިވިގެން ފާތިމަތުއްޒަހުރާ، އެހީއެއް ދެވިދާނޭ އެއްވެސް އެއްޗެއް ހުރިތޯ އެކަމަނާ ގެ ވަށައިގެން ހޯދާލިއެވެ. ނަމަވެސް އެކަމަނާގެ ދެދަރިކަލުން ކަމުގައިވާ ހަސަނުގެފާނާއި ހުސައިނުގެފާނު ނިދިކުރަށްވަން ބޭނުންކުރާ ބަކަރި ހަންގަނޑެއް ފިޔަވާ އެއްވެސް އެއްޗެއް އެކަމަނާއަކަށް ނުފެނުނެވެ. އަދި އޭތި ނަގާ ދޮރުގެ ނިވަލުގާ ހުރެ އެބީރައްޓެހި މީހާއަށް ދިއްކޮށްލި އެވެ.

އަދި ވިދާޅު ވިއެވެ. " މިއިން ތިބާގެ ބޭނުންތަށް ފުއްދާށެއެވެ. " އެއަށް ބަލާލުމަށްފަހު އޭނާ ބުންޏެވެ. " މިއަކުން ފުއްދެނެ ބޭނުމެއް އަޅުގަނޑަކަށް ނެތެވެ." ހަމްޒާ ބުން އަބްދުލް މުއްތަލިބު ގެ އަންހެންދަރިފުޅު، ފާތިމަތުއްޒަހުރާގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން އެކަމަނާއަށް ދިން ކަރުގައި އަޅާ ފަށް މަތިން އެކަމަނާ ހަނދާން ވި އެވެ. އަދި އެ ފަށް ނަގާ ބީރައްޓެހި މީހާ އަށް ދިނެވެ.

 

އެއަށްފަހު އެ ބީރައްތެހި މީހާ އެނބުރި ރަސޫލުصلىاللهعليهوسلم ގެ އަރިހަށް މިސްކިތަށް ދިޔައެވެ. އަދި އޭނާ އަށް ފާތިމަތުއްޒަހުރާ ދިން ފަށް ރަސޫލުصلىاللهعليهوسلم  އަށް ދައްކާލިއެވެ. އަދި އެކަލޭގެފާނުގެ ލޯ ކަރުނައިން ފުރިގެން ދިޔައެވެ.

އަދި ބީރައްޓެހި މީހާ އާ މިޚާތަބު ކޮށް ހަދީޘް ފުޅު ކުރެއްވި އެވެ." ފާތިމަތުއްޒަހުރާ ތިބާގެ ބޭނުންތަށް ފުއްދާދިފި އެވެ. ދެން އެކަމަނާ އަށް ހެޔޮދުޢާ ކުރާށެވެ." އެ ބީރައްތެހިޔާ ދެއަތް މައްޗައް ނަގާ ދުޢާ ކުރަން ފެށި އެވެ. " އޭ ﷲ ، އެއްވެސް ލޮލަކަށް ފެނިފައި ނުވާ އަދި އެއްވެސް ކަންފަަތަކަށް އަޑު އިވިފައިނުވާ ފަދަ ނިޢްމަތް ތަކެއް ދެއްވާފާންދެއެވެ."

ރަސޫލުصلىاللهعليهوسلمގެ ޞަހާބީން ގެތެރޭގައި ޢައްމާރު ބިން ޔާސިރު رضياللّهعنهވެސް ހުންނެވި އެވެ. އެކަލޭގެފާނު ވިދާޅު ވިއެވެ. " ތި ފަށް ކަލޭ ވިއްކާލާނީ ހެއްޔެވެ.؟ " ބީރައްޓެހިޔާ ޖަވާބު ދިނެވެ. " އާއެކެވެ. "

ފަހުން 300 ދިރުޙަމަށް ޢަންމާރު ބިން ޔާޞިރު އެ ފަށް ގަނެފިއެވެ. އެއީ ބީރައްޓެހިޔާ އަށް ކާތަކެއްޗާއި އަންނައުނާއި އަދި އަހެއް ގަތުމަށް ފުދޭ މިނަވަރެކެވެ.

ޢަންމާރު ބިން ޔާޞިރު ގެއަށް އައިސް، އެ ފަށް ފޮތިގަނޑަކަށްލައިފައި އެއަށް މީރުވަސްދުވާ ހުވަނދުލިއެވެ. ޢަންމާރު ބިން ޔާޞިރުގެ ސަހްމް އޭކިޔުނު އަޅަކު ހުރެއެވެ. އޭނާ އަތަށް ބަންދުކޮށްފައި އޮތް ފަށް ދީފައި، އޭތި ނަބިއްޔާ މުހައްމަދު ޞައްލަاللهޢަލައިހި ވަސައްލަމް އަށް ރައްދުކޮށްދިނުމަށް ބުންޏެވެ. އަދި މިއީ ނަބިއްޔާ މުހައްމަދު ޞައްލަاللهޢަލައިހި ވަސައްލަމްއަށް ހަދިޔާއެއްގެ ގޮތުގައިދެވޭ އެއްޗެއްކަމުގައިވެސް ބުންޏެވެ.

ނަބިއްޔާ މުހައްމަދު ޞައްލަاللهޢަލައިހި ވަސައްލަމްއަށް މި ހަދިޔާ ލިބިވަޑައިގަތުމުން ހަދީޘްކުރެއްވެވިއެވެ. "މިފަށް ފާތިމަތުއް ޒަހްރާ އަށް ދޭށެވެ. އެއަށްފަހު ތިއީ މިނިވަނެކެވެ."

ފާތިމަތުއް ޒަހްރާއަށް ފަށް ދީފައި އެނބުރި އަންނަމުން ސަހްމް ހޭންފެށިއެވެ. މިތަން ބަލަންތިބި މީހުން އޭނާ ހެނީކީއްވެތޯ ސުވާލުކުރުމުން ބުންޏެވެ.

"އެއީ ހާދަހާ ތައުރީފު ހައްޤުވާ ފަށެކެވެ. އެފަށް ގެއިން ނުކުމެފައި، ބަނޑުހައިވެފައިވާ މީހަކަށް ކާންދީފައި، ފޭރާމެއް ނެތްމީހެއްގެ އުނުއޮރިޔާން ނިވާކޮށްދީފައި، އަމިއްލަ ވަޒަނާ އެތައް މޭލެއްދުރުގައި ހުރި މީހަކަށް އެހީތެރިވެދިނެވެ. އެއަށްފަހު އަޅަކު މިނިވަން ކޮއްދީފައި އޭގެ ވެރިފަރާތަށް އެނބުރި ދިޔައެވެ."މ"