އެކަލާންގެ ދެ އަޅުން

  ދުވަސްވަރަކީ މުސްލިމުންގެ ޚަލީފާ މާތްރަސްކަލާންގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސް ވަރެވެ. އެދުވަސްވަރަކީ ކަމެއް ބޮޑުވެގެން ޝަކުވާއެއް ކުރަން ދިމާ ވެއްޖެނަމަ ސީދާ ޚަލީފާގެ އަރިހައްގޮސް އެކަމަށް އިންސާފު ކުރެވެމުން ދިޔަ ދުވަސްވަރެވެ. މިކަމުގައި މުސްލިމު މީހުންނެކޭ މުސްލިމު ނޫންމީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ.

ވަޤުތަކީ ފަތިހުގެ ހިއްފަސޭހަ ވަޤުތެވެ. އޭރަކު އަދި އިރެއްނާރައެވެ. އެހެންކަމުން އަލްމަދީނަތުލް މުނައްވަރާގެ އެކި ހިސާބުން ފަތިސްނަމާދުގެ އަޑައް ހޭލެވިގެން މުސްލިމުން މަސްޖިދުއްނަބަވީގައި ފަތިސްނަމަާދުގެ ފަރުޟް އަދާކުރުމަށް ޖަމާވަމުން ދިޔައެވެ. އިރުކޮޅަކުން ސައްޔިދުނާ އުމަރުގެފާނު މިސްކިތައް ވަޑައިގެންފިއެވެ. އެއަށްފަހު އިމާމްވެވަޑައިގެން ނަމާދުގެ ފަރްޟް އަދާކުރެއްވިއެވެ.

ނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނު އަލްމަދީނަތުލް މުނައްވަރާގެ މަގުތަކުން ހިންގަވަމުން ވަޑައިގެން ޝަހަރުން ބޭރަށް ނުކުމެ ވަޑައިގެންފިއެވެ. ހިއްތަކަށް އުފާވެރިކަން ގެނެސް ދެމުން ފަތިހުގެ ވައިޖެހެމުން ދެއެވެ. ބިންމައްޗައްފެތުރިފައިވާ ހިލަވެލި ތަކުގައި ހިއްގައިމު ފިނިކަމެއް ހުއްޓެވެ. އެކަލޭގެފާނު ހުންނެވީ އާދައިގެ ފޭރާމެއް ތުރުކުރައްވައިގެންނެވެ. އެހެދުން ކޮޅުގައި ފޮތި އަޅުއްވައިފައި ވެސް ހުއްޓެވެ. މާތްރަސްކަލާންގެ ހަނދުމަ ކުރައްވަމުން ކުރިޔައް ހިންގަވަމުން ވަޑައިގަތެވެ. ޝަހަރުން ބޭރަށް ނުކުމެ ވަޑައިގަތުމާއި އެކު ފެނިވަޑައިގަތީ ފަޤީރު ނިކަމެތި އަންހެނެކެވެ. މުސްކުޅިވެ ދުވަސްވުމުގެ ސަބަބުން ހިންދަމައި ނުލެވިގެން މުޅިމީހާ އޮތީ ގުދަށެވެ. ކަމީނާ ކަމާއި ބަލިހާލު ބޮޑުކަމުން އޭނާގެ ފައި ތުރުތުރު އަޅާ ހުއްޓެވެ. އޭނާ ލައިގެން ހުރި ވީދި ހަސްފަސްނެތިފައިވާ ހެދުމުން އޭނާގެ އަތްމަތި ދަތިކަމާއި ފަޤީރުކަމުގެ ހާލަތު ހުރިގޮތް ސާފްކޮށް ދައްކައިދެއެވެ.

"ދައިތާ ކޮންފަދަ ހާލެއްޖެހިގެންތަ ތިއުޅެނީ؟" އުމަރުގެފާނު ހަމްދަރުދީއާ އެކު އެދައިތާގެ ގާތައްވަޑައިގެން އައްސަވައިލެއްވި އެވެ.

... ނުނިމޭ